ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މެޓް އޮފީހުން މިއަދު ހެނދުނު 11.00ހަމައަށް ނެފެރައިވާ ރީނދޫ ސަމާލު މިއަދު ގެ މެންދުރުފަހު 3.00 އަށް ވަގުތު އިތުރުކޮށް އިތުރު އަތޮޅުތައް ރީނދޫ ސަމާލުގައި ހިމަނައިފިއެވެ. މިހާރު ރީނދޫ ސަމާލު ނެރެފައިވާ އަތޮޅުތަކަކީ ހއ. ފެށިގެން އދ އަތޮޅާ ހަމައަށެވެ. ސަމާލުގައި ވިދާޅުވެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. މިގޮތުން ރޭ އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ކ. ދިއްފުއްޓަށެވެ. 101.5 މިލިމީޓަރުގެ ވާރޭ އެވެ. ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ އއ. ތޮއްޑޫއަށެވެ. އެއީ 98.8 މިލިމީޓަރުގެ ވާރޭއެވެ. މިއަދުގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާއިރު، އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ވިދާޅުވެފައި ވެއެވެ. އަދި އެހެން ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މިދުވަސް ވަރު ދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި މުސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރު ފެއްޓެވުމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ދެއްވައެވެ.

































