އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވުނު ކަސަބު ކްލާހުގެ ފުރަތަމަ ބެޗުގެ ކްލާސްތައް ނިންމާލައިފިއެވެ.
އިޖުތިމާއީ އަދި ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނީ، މި ކޯސް ފެށިފައިވަނީ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އަދި ކޯހުގައި ހިމެނެނީ ޖުމްލަ 6 ކްލާހެވެ. އެއީ ލިބާހުގެ މަތީ ހިރާއި، ބަގިޔާހިރު 3 ކުލައާއި، ހިމަހިރާއި، ހުދު ހިރާއި، ތިރިބޮޑު ހިރާއި، ތުނޑުފަތް ކައިރި ހިރު ދަސްކޮށްދިނުމުގެ ކްލާސްތަކެވެ.
މި ކްލާސްތައް ނަންގަވައިދެއްވާފައިވަނީ އަލްފާޟިލާ ޒައިނަބް އަލީއެވެ. މިފަދަ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް އިސްރަށްވެހިންގެ ނާދީއިން ކުރިއަށް ގެންދާނެކަމަށް ނާދީއިން މަޢުލޫމާތުދެއެވެ.
މިފަދަ ކޮންމެ ޕްރޮގްރާމެއްގައި ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވުމަކީ އިސްރަށްވެހިންގެ ނާދީގެ އެދުމެއްކަން ހާމަކޮށްފައިވެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް ވަނީ ހުޅުވާލާފައެވެ. ނާދީއިން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 އަށް ގުޅައިގެން އަދި ޕްރޮގްރާމު އޮންނަ ގަޑިއަށް އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކޮށްލައިގެން ވެސް ނަންނޯޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

































