ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށާއި މި ދާއިރާގައި އިންވެސްޓުކުރުމަށް ޝައުގުވެރިވާ ޗައިނާގެ ކުންފުނިތަކަށް އެފުރުސަތު އޮތީ ހުޅުވާލެވިފައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒާރާއިން ބުނީ، ވަޒީރު މިހެން ވިދާޅުވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ކަމުގައެވެ.
މިބައްދަލުވުމުގައި، މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުގެ ތަސައްވަރަކީ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން އިތުރުކޮށް މަސްވެރިކަމުގެ އާމްދަނީ އިތުރުކުރުންކަމަށެވެ. އެގޮތުން މިވަގުތު ރާއްޖެއިން ގާތްގަނޑަކަށް 65،000 ޓަނުގެ ރޯ މަސް އެކްސްޕޯޓް ކުރާއިރު، އެ މަސްތައް ރާއްޖެއިން ބޭރުގައި ޕްރޮސެސްކޮށް ދުނިޔޭގެ މާކެޓްތަކަށް އެކްސްޕޯޓް ކުރާކަމަށެވެ.
ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދުނިޔޭގެ އެންމެ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކަން ފާހަކުރައްވާ ވަޒީރު ވިދާޅުވީ މި ދާއިރާ ކުރިއެރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މަސް ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަނާއި ގުޅިގެން ކުރަމުންދާ ކަމަށާއި މި މަޝްރޫޢު ނިމިގެންދާއިރު ރާއްޖޭގައި ދަޅު މަސް ބަންދުކުރެވޭ ޤާބިލްކަން ތިންގުނައަށް އިތުރުވެގެންދާކަމަށް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ރާއްޖެއަށް މި ދާއިރާއިން އާމްދަނީ ލިބޭނެ އިތުރު މަގުތައްވެސް ސަރުކާރުން ދަނީ ފަހިކޮށްދެމުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކުއަކަލްޗަރ ދާއިރާ ފުޅާކުރުމަށް މަސައްކަތްކުރެވެމުން ދާކަމަށެވެ.
މި ދާއިރާގައި ގިނަ ފުރުސަތުތަކެއް ރާއްޖެއަށް އެބައޮތްކަމަށާއި އެކުއަކަލްޗަރ އަކީ ރާއްޖެއަށް އައު ސިނާއަތެއް ކަމުގައިވާއިރު، ވިޔަފާރި އުސޫލުން އެކުއަކަލްޗަރ ތަރައްޤީކުރުމަށް 4 ސަރަހައްދެއް ވަނީ ކަނޑައެޅިފައިކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި މި ދާއިރާ ފުޅާކުރުމަށް ޗައިނާގެ އިންވެސްޓަރުން މުހިއްމުކަމަށާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި ދާއިރާއިން ޓެކްނޮލޮޖީ ޓްރާންސްފާއާއި، ކެޕޭސިޓީ ބިލްޑިންގއާއި، ޓްރެއިނިންގގައިވެސް އެހީތެރިކަން ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

































