ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ވިޔަސް، އަނިޔާވެރި އަމަލުތަކަށް ހިތްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ރޫހާ ހިލާފު ކަމެއް ކަމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމާއި އެ މަނިކުފާނުގެ ނިމުން އައި ގޮތާ ގުޅުވައި، ކުޅުދުއްފުށީގައި އެ ޕާޓީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ދިފާއުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ފާޑުކިޔުން އަމާޒުވި ވާހަކަ ދިފާއުކުރައްވައި ފައްޔާޒު ވިދާޅުވީ ”ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް“ ކަމަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ، ހިޔާލުފާޅުކުރުމުގެ ހައްގަކީ ވަރަށް ފުޅާގޮތެއްގައި ގާނޫނުއަސާސީން ދީފައިވާ ހައްގެއް ވިޔަސް، އެ ހައްގުގެ ބޭނުން ކުރަން ވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކުންގެ ހައްގަށް އުނިކަން ނާންނާނެ ފަދަ ގޮތެއްގައި ކަމަށެވެ.
އެމްޑީޕީގެ ޗެއަރ ޕާރސަންގެ މިވާހަކަ ތަކާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިސަލް ރައްދު ދެއްވާފައި ވެއެވެ. އެކަމަށް ރައްދު ދެއްވައި އަމީންގެ ކާފަދަރިކަނބަލުން އަދި އެމްޑީޕީގެ ސަރުކާރުގައި، އިނގިރޭސިވިލާތުގައި ހުންނެވި ރާއްޖޭގެ ސަފީރު ފަރަހަނާޒް ވިދާޅުވީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކު ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އެމްޑީޕީގެ ޗެއަރ ޕާރސަންގެ ވާހަކަތަކާއި ގުޅިގެން ޢާއްމު ފަރާތްތަކުން އެކަން ކުށްވެރި ކުރަމުން ދާކަންވެސް ފާހަގަ ކުރެއެވެ.

































