ދައުލަތުގެ ސިއްހީ އިންޝުއަރެންސް ސްކީމް އާސަންދައިގެ ޚިދުމަތް ދިނުމަށް ދުބާއީގެ ހޮސްޕިޓަލަކާއި، ބެންކޮކްގެ ދެ ހޮސްޕިޓަލަކާއެކު މިއަދު ސޮއިކޮށްފިއެވެ.
މިގޮތުން އާސަންދައިގެ ޚިދުމަތް ދިނުމަށް ސޮއިކުރެވިފައިވަނީ ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީއާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލްގެ އިތުރުން ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލްއާއެވެ.
އާސަންދައިން ބުނީ މި ހޮސްޕިޓަލްތަކާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން 2025ވަނަ އަހަރުގެ ޖެނުއަރީ 15އިން ފެށިގެން ވަކި އޫސުލެއްގެ ދަށުން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެކަމަށެވެ.
އާސަންދައިގެ ދަށުން މިހާރު ދިވެހިންނަށް ހަމައެކަނި ބޭސްފަރުވާގެ ކަންކަމުގައި ދެވެނީ އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާއަށްކަން ފާހަގަކޮށްލެވެއެވެ.
އާސަންދައިގެ ދަށުން އެކުވެރި ޢަރަބި އިމާރާތާއި ތައިލެންޑުން ޚިދުމަތް ދެވޭނެ އިންތިޒާމް ހަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

































