އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ދިވެހި ފުލުހުންގެ ފަރާތުން އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ނެއްލައިދޫ ޕޮލިސް ޕޯސްޓާއި ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އިންޓަނެޓާ ގުޅޭ މައުލޫމާތާއި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތާއި، އިންޓަނެޓްގެ ސަބަބުން ކުދިންނަށްކުރާ އަސަރުތަކާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ތަފާތު ކުށްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ މިބައްދަލުވުމުގައި ނެއްލައިދޫ ސްކޫލްގެ 87 ބެލެނިވެރިއަކު ބައިވެރި ވެފައިވެއެވެ.
އަދި އިންޓަނެޓް ބޭނުންކުރާއިރު ރައްކާތެރިކަން ހޯދާނެ ގޮތްތަކާއި އެއްވެސް ކަމެއް ދިމާވެއްޖެނަމަ އަމަލުކުރަންވީ ގޮތްތަކާއި އެޕްލިކޭޝާންތަކުގެ ސެކިއުރިޓީ ފީޗާސްތައް ވަރުގަދަކޮށް ރައްކާތެރިކަން ހޯދާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފައި ވެއެވެ.
މީގެ އިތުރުން ދަރިން އިންޓަނެޓު ބޭނުންކުރާއިރު ބެލެނިވެރިންގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ދަރިންނަށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުން ރައްކާތެރިކުރުމަށާއި ދަރިން ގެންގުޅޭ ޑިވައިސްތަކާއި ބޭނުންކުރާ އެޕްތައް ބެލެނިވެރިން ކޮންޓްރޯލުކުރާނެ ގޮތުގެ އިތުރުން ސްކްރީން ޓައިމް ލިމިޓްކުރާނެ ގޮތުގެ މައުލޫމާތުދީފައި ވެއެވެ.
އިންޓަރނެޓް ބޭނުންކޮށްގެ ހިންގާ ކުށްތަކުން މުޖުތަމައު ސަލާމަތް ކޮށް އެފަދަ ޖަރީމާތަކުން ޚާއްސަކޮށް ކުޑަކުދިން ސަލާމަތް ކުރުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ދިވެހި ފުލުހުންނާއި ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލްތައް ގުޅިގެން ރަށްރަށުގައި ހިންގާ ކަން ފާހަގަ ކުރެވެއެވެ.

































