މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީގައި ކުރިއަށްގެންދާ ”ޕްރޮޖެކްޓް ފޯ ޑިޒާސްޓަރ ރެޒިލިއަންސް އެންހާންސްމަންޓް އިން މާލެ އައިލެންޑް“ ގެ މަޝްވަރާ އެއްބަސްވުމުގައި 5 ޑިސެންބަރު ދުވަހު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ތާއާމް މުޙައްމަދެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރައިން ބުނީ، މި މަޝްރޫޢަކީ މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިދިޔަ ސެޕްޓެމްބަރ 19 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު ސޮއިކުރެވުނު ”އެކްސްޗޭންޖް އޮފް ނޯޓްސް“ އާ ގުޅިގެންކަމަށެވެ. މި މަޝްރޫޢުގެ ތަފްސީލީ ޑިޒައިން ހެދުމުގެ މަޝްވަރާ މަރުހަލާ ނިމޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައިކަމަށެވެ.
މި މަޝްރޫޢަކީ މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

































