މާލޭސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުން ހިންގާ ”ޗާލު ވެށި – މަގޭ ޒިންމާ“ ފަށައިފި އެވެ.
މިހަރަކާތަކީ އެ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ތަކެތި ސާފު ކުރުމަށް ހިންގާ ހަރަކާތެކެވެ.
30 ނޮވެންބަރު 2024 ވީ ހޮނިހިރު ދުވަހުގެ ހެނދުނު މިހަރަކާތް ފަށައިފައިވަނީ ސްޓެލްކޯގެ ހެޑް އޮފީހުގެ ކުރިމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށީގައި ތަތްކޮށްފައި ހުރި އިޝްތިހާރުތައް ނައްޓައިގެންނެވެ.

މިހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ކަމަކީ ކުޑަ ކަމަކަށް ވީނަމަވެސް، ނަތީޖާ ވާނީ ފުރިހަމަ ނަތީޖާއަކަށް ކަމަށެވެ. އަދި ދެކެން ބޭނުންވަނީ މާލެ ސިޓީއަކީ ޒީނަތްތެރި، ރީތި އަދި ޗާލު ސިޓީއަކަށްވުން ކަމަށެވެ .އެކަމަށް މަސައްކަތު މާހައުލާއި ގޯތި ގެދޮރާއި ހިދުމަތްދޭ ޓްރާންސްފޯމަރުތަކާ އަދި ފޮށިތައް ރީތިކޮށް ހުންނަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން، މި ހަރަކާތަކީ ފަށާފައި ހުއްޓާލާނެ ކަމެއް ނޫން ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް ހަރަކާތް ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ. ހަރަކާތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ކުންފުނީގެ މުވައްޒަފުން ކަމަށް ވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވި އެވެ.

މިހަރަކާތް އިފުތިތާހުކޮށްދެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު، ތޯރިގު އިބްރާހީމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

































