ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ތައުލީމާއި ބެހޭ ވުޒާރާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ ހިދުމަތުގައި މަސައްކަތް ކުރާ ޓީޗަރުންނާއި ޕްރިންސިޕަލުން ނިޒާމަށް ކުރާ އިތުބާރު ބޮޑުވެގެން ދިއުން ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރަށް 1 އަހަރު ފުރުން ފާހަގަކޮށް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ތައުލީމާއި ބެހޭ ވުޒާރާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ ހިދުމަތުގައި މަސައްކަތް ކުރާ ޓީޗަރުންނާއި ޕްރިންސިޕަލުން ނިޒާމަށް ކުރާ އިތުބާރު ބޮޑުވެގެން ދިއުންކަމަށެވެ.
އަދި ކުރީ ސަރުކާރުން 40 ވަރަކަށް ސްކޫލްގެ ޕްރިންސިޕަލުން އެ ބޭފުޅުން ތިއްބެވި ސްކޫލްތައް ނޫން އެހެން ސްކޫލްތަކަށް ބަދަލު ކުރެވުނުއިރު، 300 އާ ގާތް ކުރާ އަދަދަކަށް ޓީޗަރުންނަށް ހެއްކެއް ގަރީނާއެއް ނެތި، ފިޔަވަޅުތަކެއް އެޅިގެން ދިޔަ ކަމުގެ ޝަކުވާ ލިބުނު ކަމަށާއި ނަމަވެސް މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މިފަދަ ކަމެއް މި ސަރުކާރުން ކޮށްފައި ނުވާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިއީ ވަޒީފާގެ ބިރުވެރިކަން ނައްތާލުން ކަމަށާއި އަދި އެކިއެކި ފޯރަމްތަކުގައި އަދި އެކިއެކި ބައްދަލުުވުންތަކުގައި ޓީޗަރުންގެ ގަދަރުވެރިކަމާއި، ޝަރަފްވެރިކަމާއި، ޓީޗަރުންގެ ކުރާ މަސައްކަތުގެ ވާހަކަ ތަކުރާރުކޮށް ދެކެވިފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ދިރާސީ އަހަރު ކުރިން އޮތް ގޮތަށް ބަދަލު ކުރެވުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. ކޮވިޑް-19އާ ހެދި ދިރާސީ އާ އަހަރު ކިޔެވުން އޮގަސްޓް މަހުގެ ތެރެއަށް ބަދަލުވެގެން ދިޔައިރު، ދަރިވަރުންނާއި، ޓީޗަރުންނާއި ބެެލެނެވެރިންގެ އެދުމަކަށް ވެގެން ދިޔައީ މިކަަމަށް ބަދަލު ގެނައުމެވެ.
ޖެނުއަރީގައި ދިރާސީ އާ އަހަރު ފަށާގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް އަންނަ ދިރާސީ އަހަރު އޭޕްރިލްގައި ފެށުމަށްފަހު ޑިސެމްބަރު މަހު ބޮޑު ޗުއްޓީއަށް ދާ ގޮތަށް 2025 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރު މިހާރު ވަނީ ނެރެފައެވެ.

































