ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅުކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ބިލަކީ އެމަނިިކުފާނު ގަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން ކަމަށާއި މީޑިއާތައް ކޮންޓްރޯލް ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ.
މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރާނީ މީޑިއާތައް ބާރުވެރިކުރުވަން ކަމަށާއި އެގޮތުން މީޑިއާތަކަށް ފައިސާ ދޭން ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރައީސް ވަނީ ތެދުބަހުން މީޑިއާގެ ހަބަރުތައް ގެނެސްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެގޮތުން ތެދު ކަމަށްވާނަމަ ކޮންމެ އެއްޗެއް ހާމަކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.
އަމިއްލަ މެމްބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލުގައިވާ ގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާ ކުރެވޭނެ އެވެ.
މީޑިއާތަކުގެ އިތުރުން، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެ އެވެ.

































