ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު 8 ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
ބީލަމުގެ އުސޫލުން ދޫކުރާ މި 8 ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ 2 ބިމަކާއި ބީޗް ސައިޑުން ދޫކުރާ 6 ބިމެކެވެ.
އެގޮތުން، ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެކެވެ. އަދި ބީޗް ސައިޑުން ދޫކުރަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލި މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ އެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެ އެވެ.
ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500 ރުފިޔާ އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާ އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެ އެވެ.
މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

































