އިދިކޮޅު އެމްޑީޕީ ސަރުކާރުން ނިމިދިޔަ ފަސް އަހަރު ހެދި ގޯސްތައް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން ހަދަމުން އަންނަކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މަޖިލިސް ހިނގަމުން ދާ ގޮތަށް ނަޒަރު ހިންގަވާލައްވާ, ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ގައުމުގައި ތަރައްގީއަށް ފަށާފައި ހުރި ޕްރޮޖެކްޓުތައް ހުއްޓުވާ އެކަންކަމުގެ ތެރެއަށް ކޮރަޕްޝަން ވައްދާ ވަކި މެމްބަރެއްގެ ދާއިރާއެއް ޚިޔާރުކޮށް ސަރުކާރުން ގެންދަނީ ރައްޔިތުންނަށް އޮޅުވާލާ ހަރާންކޯރުވަމުންނެވެ.
އެހެން ނަމަވެސް މި ސަރުކާރުން ގޯސްތައް ހަދަމުން ގެންދާއިރު، މަޖިލީހުން އެކަންކަމުގައި ސަރުކާރު ޒިންމާދާރު ކުރުވުމުގައި ނުކުޅެދިފައި ވާ ކަމަށާއި އެހެން އެކަން ވެފައިވަނީ ދެ ބާރު އެއްވުމުން ކަމަށެވެ. ޔާމީން ވިދާޅުވީ ދެ ގޯހަކުން ރަގަޅެއް ނުނިކުންނާނެ ކަމަށެވެ.
މި ސަރުކާރަކީ ނިމިދިޔަ ސަރުކާރުގައި ވެސް މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ވެރިކަމުގެ ނިޒާމުން ގާނޫނު ހެދުމުގެ ބާރު ކޮންޓްރޯލު ކުރަމުންދިޔަކަމަށް ބުނި ބައެއް ކަމަށާ ނަމަވެސް މިއަދު ފެންނަނީ އެކަން މިސަރުކާރުން ވެސް ތަކުރާރުކުރާ މަންޒަރު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންވަނީ ބަޖެޓު ހުށަހެޅުމުގައި ވެސް މި ސަރުކާރުން އަމަލުކުރި ގޮތާ މެދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

































