ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ 48 ތަނެއް ފުލުހުން ބަންދުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިހާތަނަށް މިފަދަ 48 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މުއާމަލާތްތައް މާލޭގައި އާންމުކޮށް ހިންގާ ކަމަށް ބެލެވޭ ތަންތަނުގައި ފުލުހުން ފޯރިމަރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
މަސްތުވާކެއްޗާ ގުޅޭ އެކި މައްސަލަތަކުގައި 1009 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އޮޕަރޭޝަންތަކުގައި 183 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ތަކެތީގެ މަގުމަތީ އަގު 385 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށްވެސް ބުންޏެވެ.
ބަނގުރަލުގެ ވަގު ވިޔަފާރި ހުއްޓުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ބާއްވާ އިންސްޕެކްޝަންތަކުގައި މިހާތަނަށް 57 ސަފާރީއެއް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި 8،000 އަށް ވުރެ ގިނަ ބަނގުރާ އަތުލައިގެންފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

































