ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް ހިމެނޭހެން މެންބަރުންތަކެއް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ، އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު އެ ކޮމިޝަނުގެ މެންބަރުކަމުން ވަކި ކުރުމަށް މަޖިލީހަށް ހުށައަޅާފައިވާއިރު، އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އަދި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދުގެ އިތުރުން، އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ޑރ. މުހައްމަދު ޒާހިރު ވަކިކުރުމަށް ވަނީ ހުށައަޅައިފައިއެވެ.
މި ތިން މައްސަލަ އިތުރަށް ދިރާސާކޮށް ބެލުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރިޔާސަތުން މިއަދު ވަނީ ފޮނުވައިފައެވެ.
އެ ތިން ކޮމިޝަނުން މެންބަރުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ މެންބަރުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، މަގާމުގައި ހުރެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށެވެ.
މި މައްސަލަ ކޮމިޓީއަށް ފޮނުވާފައި ވާއިރު، މިނިވަން މުއައްސަސާތަކުގެ ތެރެއިން އޭސީސީއާއި އީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ. މަޖިލީހަށް ހުށަހެޅި ދެ ބިލު ބަލައިގަނެ، އެ ބިލުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

































