ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ބޭނުންވަނީ ފަޅުކޮނެ ބަނދަރުހަދާ، ރަށުގެ ފަޅުން ބޮޑު ބައެއް ހިއްކާ ރަށުގެ ބިން ބޮޑު ކޮށްލުމެވެ. ބައެއް މީހުން ދެކޭގޮތުގައި ތަރައްޤީއަކީ ރަށުގެ ފަޅުން ބޮޑު ބައެއް ހިއްކާ ރަށަށް ޖާގަ އިތުރު ކުރުމެވެ. އެފަދަ މަސައްކަތެއް ރަށެއްގައި ކޮށް ނިންމާލެވިއްޖެނަމަ އެރަށެއްގެ ރައްޔިތުން ދެކެނީ އެރަށަކާއި މެދު ސަރުކާރުން ޚާއްސަ ސަމާލުކަން ދެއްވާ ކަމަށެވެ. ޤަބޫލު ކުރަމެވެ. ކޮންމެ ރަށެއްގައި ތަފާތު ޚިދުމަތް ދިނުމަށްޓަކައި އިމާރާތްތައް އަޅަން ޖެހެއެވެ. ސްކޫލްގައި ދޮޅަހަކަށް ކުދިން ތިބި ނަމަވެސް ދެބުރި އިމާރާތެއް އަޅަން ބެލެނިވެރިން ބޭނުން ވެއެވެ. ރަށުގައި ދިރިއުޅޭ އަދަދު ކިތަންމެ މަދު ނަމަވެސް ބޮޑެތި މިސްކިތްތައް އެޅުމަށް ރަށްރަށުގެ ރައްޔިތުން ބޭނުންވެއެވެ. ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާއާއި ރަށު ކޯޓު ފަދަ އިމާރާތްތައް ބިނާ ކުރުމަށްޓަކައި ވަކިވަކި ބިންތައް ބޭނުންވެއެވެ. ރާއްޖޭގެ ރަށްރަށުގެ ބިންތަކަކީ ވަރަށް ކުޑަ ބިންކޮޅެކެވެ. ރަށުގައި އޮންނަ ކުޑަ ބިންކޮޅުން ގެދޮރު އެޅުމަށް ކޮންމެ ވަކި އާއިލާއަކަށް ބިމެއް ދޫކުރުމަށްފަހު އަދި ވިޔަފާރި ބޭނުންތަކަށާއި ، އިޖްތިމާޢީ ބޭނުންތަކަށް ބިންތައް ހަމަ ޖެއްސުމަށް ފަހު ދެން ރަށުގައި އިތުރު ބޭނުންތަކަށް ދޫކުރާނެ ބިންތައް ބައެއް ރަށްރަށުގައި ނެތޭ ދެންނެވި ދާނެއެވެ. މިހެންވެމުން 1000މީހުންވެސް ރަށުގައި ދިރި ނޫޅޭ ރަށްރަށުގެ ފަޅުން ބޮޑު ބައެއް ހިއްކާ ރަށަށް ބިން އިތުރު ކުރަން ޖެހެއެވެ. ބައެއް ރަށްރަށަކީ ވަރަށް ރީތި ގޮނޑުދޮށާއި މަޑު ވިލު ނޫކުލައިގެ ފަޅުތައް ހުންނަ ރަށްރަށެވެ. ރަށު ފަޅުން ބައެއް ހިއްކުމުގެ ސަބަބުން ރީތި ގޮނޑުދޮށްތައް ހަލާކުވެ، ސާފު ފަޅުގެ ރީތިކަން ގެއްލިގެން ދެއެވެ. އަދި ރަށުގެ ފަޅުގައި އެތަށް ދުވެހެއް ވަންދެއް ދިރިއުޅެމުން ދިޔަ މަސްމަހާ މެހީގެ ”ގެދޮރު ވެރިކަން“ ގެއްލެއެވެ. އަމާން ގޮނޑުދޮށްތަކުގައި ”މިނިވަން“ ކަމާއި އެކު އުޅެމުން ދިޔަ ކަކުނި އާއި ދޫނި ސޫފާ ސޫފިއަށް ބިރުވެރިކަން ކުރިމަތިލާން ޖެހެއެވެ. އެސޮރުމެން އެހެން ހިޔާވެއްސެއް ހޯދަން ޖެހެއެވެ.
ރަށްރަށަށް އުމްރާނީ ތަރައްޤީ ގެންނަން މަސައްކަތް ކުރާއިރު އެހެން ދިރޭތަކެއްޗާ މެދު ވެސް ވިސްނަން ޖެހެއެވެ. މަޑު ފަޅުތައް އޮންނަ ރަށްރަށުގައި ސަރުކާރުގެ އިދާރަތަކާއި އިޖްތިމާޢީ މަރުކަޒުތަކާއި އިސްލާމީ ސެންޓަރތައް ފަދަތަންތަން ބިން ހިއްކުމެއް ނެތި ފަޅުތެރޭގައި ބިނާ ކުރެވިއްޖެ ނަމަ، ރަށުގެ ފަޅުން ބޮޑު ބައެއް ނުހިއްކާ ގޮތަށް ހަމަ ޖެއްސި ދާނެއެވެ. އަދި ރަށްރަށުގައި ހިންގާ ގެސްޓްހައުސްފަދަ ވިޔަފާރިތައް ރަށްރަށުގެ ފަޅުތެރޭގައި ހިންގާ ގޮތަށް ހަމަޖައްސައިފިނަމަ ރަށުގައި އޮތް ކުޑަ ބިންކޮޅު ގެދޮރު އެޅުމަށާއި އިޖްތިމާޢީ ބޭނުންތަކަށް ކުރިމަގުގައި ބޭނުން ކުރަން އޮންނާނެއެވެ. އަދި މިއީ ބިން ހިއްކުމަށް ކުރަން ޖެހޭ ޚަރަދަށް ބޮޑު ލުއި ކަމެއް އަންނާނެ ކަމެކެވެ.
ތަރައްޤީ އާއި އެކު ރަށާއި ރަށުގެ ވަށައިގެން ވާ ދިރުންތަކަށް ގެއްލުން ނުލިބޭ ގޮތަށް ތަރައްޤީ ރަށަށް ގެންނަ ޖެހެއެވެ. ރާއްޖޭގެ ކޮންމެ ރަށަކީވެސް އުފެދުމުގައި ތަފާތު ރަށެކެވެ. ތަފާތު ތިމާވެއްޓެއް އޮންނަ ރަށެކެވެ. ވީމާ މިދެންނެވި ގޮތަށް އުމްރާނީ ތަރައްޤީއެއް ނުގެނެވޭނެ ރަށްރަށަށްވެސް ހުންނާނެއެވެ. ނަމަވެސް ދިރުންތަކަށް އެންމެ ކުޑަކޮށް ގެއްލުން ލިބޭ ގޮތަށް އިންތިޒާމު ކުރަން ޖެހެއެވެ. ރަށު ފަޅުގައި ހެދިފައިވާ ގާތަކާއި މުރަކަތަކާއި އެބަގީޗާތަކުގައި ދިރިއުޅޭ ލޯބި ލޯބި މަސްމަހާ މެހި ނެތި ދިއުމަކީ ދެރަ ކަމެކެވެ. ރަށުގެ ވަށައިގެން ވާ ދިރުން ހަލާކު ނުކޮށް ތަރައްޤީ ގެނައުމަށް ހުރިހާ ފަރާތްތަކުން ވެސް ވިސްނަން ޖެހެއެވެ.

































