މިއަދުން ފެށިގެން ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނެ ކަމަށް ދިވެހި ޙައްޖު މިޝަނުން ހާމަކޮށްފިއެވެ. ދިވެހި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ.
ޙައްޖުގެ ހުރިހާ މަނާސިކުތަކެއް ފުރިހަމަކޮށް ނިމި، ކުރިއަށް އޮތީ މަދީނާ ދަތުރެވެ. އެއަށްފަހު ސީދާ މަދީނާއިން ދިވެހި ޙައްޖުވެރިން ރާއްޖެއަށް އަންނަ ދުވަސްތަކާއި ގަޑިތައް ދިވެހި ޚައްޖު މިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ. މަދީނާ ދަތުރަކީ، ޙައްޖުގެ ބައެއް ނޫން ކަމުގައިވިއަސް ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު އިސްލާމީ ތާރީޚުގެ މުހިންމު ބިނާތަކާއި އަދި މުހިންމު ހާދިސާތައް މަދިނާއާއި ގުޅިފައިވުމުން، މި ދަތުރުގެ ތެރެއިން ޙައްޖުވެރިން މަދީނާގެ މުޙިންމު ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދުން ފެށިގެން ޙައްޖުވެރިން މަދީނާއަށް ދާން ފަށާނެ ކަމަށް ހައްޖު މިޝަނުން ވިދާޅުވެއެވެ.
ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގައެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި މިއަދު ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަންނާނީ ސައުދިއާ އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ވެލާނާ އިންޓަރނޭޝާނަލް އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިއަދު 14:00 ގައެވެ.


































