މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަސް ހުދު ސަމާލު ނެރެފިއެވެ.
މެޓުން ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫސިޓީގެ ރަށްތަކަށް މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރު 15:30 އަށެވެ.
މެޓުން އެ ސަރަހައްދަށް އެންމެ ފުރަތަމަ ހުދު ސަމާލު ނެރުނީ ރޭ ދަންވަރު 3:30 އިން ފެށިގެން މިއަދު ހެނދުނު 9:30 އާއި ހަމައަށެވެ. އެއަށްފަހު މިއަދު ހެނދުނު 7:50 އިން ފެށިގެން މެންދުރު 13:30 އަށް ވެސް އެ ސަރަހައްދަށް ސަމާލު ނެރެފައިވެއެވެ.
ސަމާލުގައި މެޓުން ވިދާޅުވެފައިވަނީ އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިދުވަސް ވަރު ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ވީމާ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ދަނީ އެކި ސަރަހައްދުތަކަށް ހުދު ސަމާލުތައް ނެރެމުންނެވެ. އެގޮތުން އެންމެ ގިނަ ސަމާލު ނެރެމުން އަންނަނީ ރާއްޖޭގެ ދެކުނު ސަރަހައްދައްކަން ފާހަގަ ކުރެވެއެވެ.

































