އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ކިޔާފައިވަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ކުޅިވަރު ވުޒާރާގެ އިސްވެރިންނެވެ.
އެކާވީސް އަހަރުން ދަށަށް ހާއްސަކޮށްގެން ކުރިއަށްދިޔަ މި މުބާރާތުގެ، ރޭންކިން އެންމެ ރަނގަޅު ފަސް ޓީމު ކުޅުނީ ކަޕް ފަޅީގަ އެވެ. އަދި، ރާއްޖެ ހިމެނޭ ރޭންކިން ދެ ވަނަ ފަންތީގެ ޓީމުތައް ކުޅުނީ ޕްލޭޓް ކެޓަގަރީގަ އެވެ.
ދެކުނު ކޮރެއާގައި ކުރިއަށްދިޔަ މި މުބާރާތުގައި، ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމަށް ލިބުނީ ދެވަނަ އެވެ. މިއީ، މިހާތަނަށް ޒުވާން ނެޓްބޯޅަ ޓީމެއް ހޯދި އެންމެ ރަނގަޅު ނަތީޖާކަން ފާހަގަކޮށްލެވެއެވެ.

































