ވ. އަތޮޅާއި މ. އަތޮޅުގެ ރަށަކުން މީހުން ބަދަލުވާން އެދިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ވިދާޅުވީ ވ. އަތޮޅާއި މ. އަތޮޅު ރަށަކުން އެހެން ރަށަކަށް ބަދަލު ކޮށްދެއްވުމަށް އެދިފައިވާ ކަމަށާއި، ނަމަވެސް އެކަމާމެދު ރަސްމީކޮށް އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އެހެންނަމަވެސް، އެ ރަށްތަކުގެ ކައުންސިލްތަކުން އެދޭ ގޮތަށް ރަށް ބަދަލުކުރަން ނިންމައިފި ނަމަ، އެ ރަށްތަކާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ކުޑައަތޮޅުކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިލެއްވިގޮތަށް، އެރަށު މީހުން ހދ. ހަނިމާދޫ އަށް ބަދަލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން ފައްޓަވައިފައެވެ. ހިރިމަރަދޫ މީހުން ، ހދ. ހަނިމާދޫއަށް ބަދަލު ކުރުމާ ބެހޭގޮތުން ވަޒީރު ވިދާޅުވީ އެކަމަކީ ވަރަށް ބޮޑު މަސައްކަތަކަށް ވާތީ، އެކަމާ ގުޅޭ ސިޔާސަތު ކަރުދާސްތައް އެކުލަވާލަމުން އަންނަ ކަމަށާއި އެކަމުގެ ފުރަތަމަ ދެލި ކޮޕީ މިހާރު ނިމިފައިވާ ކަމަށެވެ.
ވަޒީރު އާދަމް ޝަރީފް ވަނީ މިވެރިކަމުގައި ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމެވީ މި މަހުގެ އެއްވަނަ ދުވަހެވެ.
ހިރިމަރަދޫގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކޮށްފަ ދެބައި މީހުން ދިރިއުޅެނީ ރަށުން ބޭރުގައެވެ. އެ ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 200 ވަރަކަށް މީހުންކަން ފާހަގަކުރެވެއެވެ.

































