މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުން މި މަހު 28 ވާ ހުކުރު ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، ހަނދު ބެލުމުގެ ކަންކަން ކުރިއަށް ގެންދާނީ މާލޭގައިނަމަ ކޯޓުތަކުގެ ޤާޒީންގެ ކުރިމަތީގައެވެ. އަދި އަތޮޅުތެރޭގައިނަމަ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓަކު ނެތް ރަށްރަށުގައި މިކަން ކުރިއަށް ގެންދާނީ ރަށު ކައުންސިލްގެ އިދާރާގެ އިސްވެރިންގެ ކުރިމަތީގައެވެ.
ހަނދު ބެލުމުގެ ކަންކަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެންނެވެ. އަދި ހަނދު ފެންނަ މީހުން ވީ އެންމެ އަވަހަކަށް އެކަން އަންގަން ޖެހޭނެއެވެ. މީގެ އިތުރުން ހަނދު ފެނުނު އުސްމިނާއި މިސްރާބު ފަދަ މުހިއްމު މައުލޫމާތުތައް ހިއްސާކުރަން ޖެހޭނެ ކަމަށްވެސް ޑީޖޭއޭ އިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
ހަނދު ފެނިގެން ހެކިބަސް އަދާކުރަން އަންނަ މީހުން އައިސް ދިއުމުގެ ޙަރަދު ދުނުމށް ހަމަޖެހިފައިވާކަމަށް ޑީޖޭއޭއިން ބުނެއެވެ. އަދި ހަނދާ ގުޅޭ މައްސަލަ ނިމެންދެން ކަމާ ގުޅޭ އިދާރާތައް ހުޅުވިފައި ބަހައްޓާނެ ކަމަށްވެސް ޑީޖޭއޭ އިން ބުނެފައިވެއެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ހޯދާނަމަ 3340828 ފޯނަށް ގުޅުމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު މަހުގެ 1 ވަނަ ދުވަހެވެ.

































