ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީ.އެން.ސީގެ ޕީ.ޖީ ލީޑަރު އިބްރާހީމް ފަލާޙްއާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ކުއްލި ގޮތަކަށް ވަކިކުރި ފަހުން އެ މަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލު ކުރެއްވި ފުރަތަމަ ބައްދަލުވުންކަން ފާހަގަކޮށްލެވެއެވެ.
ވަޒީރުކަމުން ފައިސަލް ވަކިކުރީ މިދިޔަ މަހު 28 ގައެވެ. ފައިސަލް ވަކިކުރުމާ އެކު އަބްދުއްރަޙީމް ވަނީ ރައީސް ޑރ. މުއިއްޒާ އެކު ކުރިން އޮތް ގާތްގުޅުން އޮތް ނަމަ މިހެން ނުވީސްކަމަށް ވިދާޅުވެ، ގުޅުން ހީނަރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ފައިސަލް ވަޒީރުކަމުން ވަކިކުރެއްވިއިރު އަބްދުއްރަޙީމް ހުންނެވީ މެލޭޝިއާގައިއެވެ. އެހެންނަމަވެސް އަބްދުއްރަޙީމް ވަގުތުން ދަތުރު ކުރުކޮށްލައްވައި ހަމައެރޭ ރާއްޖެ ވަޑައިގަތެވެ.
ފައިސަލް ވަކިކުރާތާ ގާތްގަނޑަކަށް މަހެއްހައި ދުވަސް ފަހުން އަބްދުއްރަޙީމް މިއަދު ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް މުއިއްޒާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާބައްދަލުވުމެކެވެ.
ޕީއެންސީގެ ޗެއާޕާސަންކަމުގައި ވެސް ހުންނެވި އަބްދުއްރަޙީމަކީ ކުރިން ރައީސް މުއިއްޒާ އެންމެ އަރިސް އެއް ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންފައި އެންމެ ފުރަތަމަ އަބްދުއްރަޙީމް އައްޔަންކުރެއްވީ ސީނިއާ މިނިސްޓަރެއްގެ މަގާމުގައި އެ މަނިކުފާނުގެ ޗީފް އެޑްވައިޒަރެއްގެ މަޤާމަށެވެ.
ވެރިކަމުގެ ކުރީކޮޅު ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު ސިޔާސީ ގޮތުން އެންމެ ފަޙުރުވެރިވާ ބޭފުޅަކީ އަބްދުއްރަޙީމް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި، އަބްދުއްރަޙީމް ވަނީ ރައީސް މުއިއްޒާ އެންމެ ގާތް ބޭފުޅަކީ އެ މަނިކުފާނު ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

































