މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުالله (މުހައްމާ) އާއި ބްރޮޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކޮށްފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވީ އެ ދެ ބޭފުޅުން މަގާމަށް އައްޔަންކޮށްފައިވަނީ ހޯމަދުވަހު ކަމަށެވެ. އެދެބޭފުޅުން އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ ޖާގައަށް މެންބަރުން ހޮވުމަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓަށް އެހީ މި މަހުގެ 16 ގައެވެ. ސަރާހަތު ހޮވުމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މުހަންމާ ބްރޮޑްކޮމްގެ މެންބަރު ކަމަށް ހޮވުމަށް ފެންނަ ކަމަށް 58 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ދެ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެންބަރުން ޢައްޔަންކުރަން ޖެހުނީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަޙީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ. ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 12 މީހަކު އެމަޤާމަށް ކުރިމަތިލިއެވެ. އޭގެ ތެރޭގައި އެންމެ ކުރީގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި އިބްރާހިމް މުއާޒްގެ ނަންފުޅެވެ. ނަމަވެސް ކޮމިޓީ މަރުހަލާފައި މުއާޒަށް މަތިން މާކްސް ލިބިފައެއް ނުވެއެވެ.

































