މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމުގެ މަގާމަށް، ދ. މީދޫ، ބިއްލޫރިވިލާ ޞަފާ އިންތިހާބު ކުރައްވައިފިއެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ ރައީސްގެ މަޤާމަށް ޞަފާ އިންތިހާބު ކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.
އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު ހަމަވުމުންނެވެ.
ޞަފާ ބްރޯޑްކޮމްއަަށް އައްޔަން ކުރީ 2023 ވަނަ އަހަރުގެ މެއި މަހުއެވެ. ޞަފާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ލިމްކޮކްވިންގް ޔުނިވާސިޓީ މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. ޞަފާ ޓީވީ ޕްރޮގްރާމްތައް ހުށަހަޅުއްވަން ފެއްޓެވީ 2006 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަޤާމުގައެވެ.
ބްރޯޑްކޮމް އަށް ރައީސަކު އިންތިހާބުކޮށްފައިމިވަނީ، އެ ކޮމިޝަންގެ މެމްބަރުކަމުން ހުސްވެފައިވާ ދެ މަގާމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އިއްޔެ އައްޔަން ކުރުމަށް ފަހުގަ އެވެ.
ބްރޯޑްކޮމްގައި މި ވަގުތު ތިއްބަވަނީ އަލަށް އައްޔަން ކުރެއްވި ދެ މެންބަރުންނާއި ރައީސް ޞަފާ އާއި ނައިބު ރައީސް މުހައްމަދު ފަޒީންގެ އިތުރުން މެންބަރު އާމިނަތު އަމީނާގެ އިތުރުން ޝިފްލާ އިބްރާހީމް އަދި އައިމިނަތު ނުޒުހާ އެވެ.

































