ސިޔާސީ ވިސްނުން އެއްކިބާކޮށް، ކުރިއަށް އޮތް 20 އަހަރަށް ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ހުރިހާ އެންމެންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ޕްލޭން އެކުލަވައިލުމަކީ ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށާއި އެހެންވެ، މި ކަމުގައި ހުރިހާ ސިޔާސީ ފިކުރެއްގެ، ހުރިހާ ރަށެއްގެ، ކުދި ބޮޑު އެންމެން ބައިވެރިވާން އެދޭކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ އެންމެންގެ ބައިވެރިވުމާއި އެކު ގައުމު ތަރައްގީކުރަންކަމަށާއި އަދި ބޭނުންފުޅުވަނީ ރައްޔިތުން މުއްސަނދިވާންކަމަށެވެ.
”ހުރިހާ ދާއިރާތަކުން ވެސް، ސިޔާސީ ޕާޓީތަކުން ވެސް، ސިޔާސީ ވިސްނުން ދޫކޮށްލާފައި ގައުމު ތަރައްގީ ކުރުމުގައި ބައިވެރިވާން އެދެން“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ އެންމެންގެވެސް ބައިވެރިވުމާއި އެކު 2040 ވަނަ އަހަރު އަންނައިރު ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެން ދިއުން ކަމަށާއި އެއީ، އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ޕްލޭނާ ގުޅޭ ގޮތުން ހުރިހާ ރަށެއްގެ މީހުންނާއި ހުރިހާ ދާއިރާއެއްގެ މީހުންގެ ވިސްނުން ވެސް ހޯދާނެ ކަމަށާއި ކުރިޔަށް އޮޔް ޖީލުގެ ތަސައްވުރު ކަނޑައަޅަން މި އުޅުއްވަނީ ސިޔާސީ ކަމެއްގެ ގޮތުގައި ނޫންކަމަށެވެ.
މި ޕްލޭންގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، ދުނިޔެއަށް އަންނަ ތަރައްގީ ވެސް ބަލައިގަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަކީ މިއަދުގެ ހަގީގަތްކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ދާއިރާއިން ކުރިއެރުން ހޯދަންޖެހޭކަން ފާހަގަކުރައްވައިފައެވެ.

































