ބުރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް މުޙައްމަދު ދީދީ ފޭސްބުކް ގައި ހާމަކުރެއްވި ކަންބޮޑުވުމުގެ މެސެޖަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު، ޢަލީ އިޙުސާން ފޭސްބުކް ޕޭޖުގައި ދެއްވި ޔަޤީންކަމަށް ޖެނެރަލް ދީދީ ޝުކުރު އަދާކުރައްވައިފިއެވެ.
ވަޒީރު އިޙުސާން ޕޯސްޓުގައި ދެއްވި ޖަވާބުގައިވަނީ، އިހުތިރާމާއި އެކު ދަންނަވަމެވެ. ކުރީގެ ސިފައިންގެ މީހެއްގެ ހައިސިއްޔާތުންނާއި އަދި މިއަދު ވަޒީރެއްގެ ހައިސިއްޔަތުން ދަންނަވަން ބޭނުންވަނީ މިއީ ދޮގެއްކަމަށެވެ. މިއީ އަޅުގަނޑުމެންގެ ވެސް ޤައުމު، މިޤައުމަށް ދެރަގޮތެއް މިސަރުކާރުން ނުހަދާނެކަމަށް ވަޒީރު ގެ ޕޯސްޓުގައި ހިއްސާކޮސްފައިވެއެވެ.

ޖެނެރަލް ދީދީ، ވަޒީރު އިހުސާން އަށް ޝުކުރު އަދާކުރައްވާ ހިއްސާ ކުރެއްވި ޕޯސްޓުގައި ވަނީ އިތުރު ކަންބޮޑުވުންތަކެއް ހާމަކޮށްފައެވެ. އެޕޯސްޓުގައި ޖެނެރަލް ދީދީ ބުނެފައިވަނީ، އަޅުގަނޑުގެ އޮތް ހަމައެކަނި ކަންބޮޑުވުމަކީ، މި މުޅި މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ޝައްކުތަކެއް އުފެދި، ތަފާތު ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި، ސަރުކާރަށް މިކަމުގެ ސާފު ތަޞްވީރެއް ފޯރުކޮށްދެވިފައި ނުވާތީއެވެ.
އެއްވެސް ފަރާތަކަށް ޝައްކުރެވޭ ފަދަ ވާހަކަތައް ދެއްކުމުގެ ފުރުޞަތު ނުދިނުމަށްޓަކައި، މި އެއްބަސްވުން ހިމެނޭހެން މި މަޝްރޫޢުގެ ފުރިހަމަ އަދި ސާފު ތަޞްވީރެއް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ހިއްސާކޮށްފައިވެއެވެ.

ޖެނެރަލް ދީދިގެ ޕޯސްޓުގައި އިތުރަށް ހިއްސާކޮށްފައިވަނީ. އަޅުގަނޑުމެންގެ ބިން ރައްކާތެރިކުރާށެވެ، އަޅުގަނޑުމެންގެ މުސްތަޤްބަލް ރައްކާތެރިކުރާށެވެ. އަޅުގަނޑުމެންފަދަ ކުޑަ ޖަޒީރާ ޤައުމަކަށް ބިމަކީ ހަމައެކަނި މިލްކިއްޔާތެއް ނޫންކަމަށެވެ. އެއީ އަޅުގަނޑުމެންގެ ޤައުމީ މުއްސަނދިކަމާއި، ސިޔާދަތާއި، އަމިއްލަ ވަންތަކަމުގެ އިތުރުން އަންނަންއޮތް ޖީލުތަކުގެ ވާރުތަމުދަލެއްކަމުގައެވެ.
އެއްވެސް އިމެއްނެތި ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭގޮތް ހެދުމަކީ ބިމުގެ އަގުތައް އުފުލި، އާންމުންނަށް ގެދޮރުވެރިކަން ނުލިބޭވަރުގެ އަގުބޮޑުކަމަކަށްވެ، ޤައުމީ ކޮންޓްރޯލް ބަލިކަށިވެ، ލިބޭ ނަފާ ޤައުމުން ބޭރަށް ދިޔުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށެވެ.
ޖެނަރަލް ދީދީ ގެ ޕޯސްޓުގައިވަނީ، ބޭރުގެ އިންވެސްޓްމަންޓްތަކުން އަޅުގަނޑުމެންގެ އިޤްތިޞާދަށް ފައިދާ ކުރެވިދާނެއެވެ.ނަމަވެސް، އަޅުގަނޑުމެންގެ ހާއްސަ ޤައުމީ މަޞްލަޙަތުތައް އަބަދުވެސް ކަށަވަރުކުރެވޭންޖެހޭނެއެވެ.

































