މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް އިންޑިއާއިން ދޫކޮށްފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމުގެ ހެއްކެއްކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އިރުތިޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ދީފައިވާ 30 ބިލިޔަން ރުޕީސްގެ ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމުން އިންޑިއާ ސަރުކާރަށާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖަޔަޝަންކަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއިން ނިންމި އެ މުހިންމު ނިންމުމުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހްތިރާމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް އިރުތިޝާމް ވިދާޅުވިއެވެ.
ރައީސް ޑރ، މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާއެކު އޮންނަ ގުޅުންތައް ދަނީ ވަރަށް ބާރަށް ހަރުދަނާވަމުންކަމަށް އިރުތިޝާމް ވިދާޅުވިއެވެ. އަދި ގައުމުގެ އިގްތިސޯދު ހަމަމަގަށް އެޅުވުމަށާއި، ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށްޓަކައި ރައީސް މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތައް މިނިސްޓަރު ތައުރީފު ކުރެއްވިއެވެ.

































