މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމައި އެކަން ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވާތީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ. އެޤާރާރު ފާސްކޮށްފައި ވަނީ، ސަރުކާރުން ސިޓީ ކައުންސިލްގެ އިހްތިސާސްގައިވާ 14 ބިމެއް ނެގުނިންމުމާ ގުޅިގެން، ސިޓީ ކައުންސިލުން ރޭގައި ބޭއްވި ކުއްލި ބައްދަލުވުމުގައެވެ، މިޤާރާރު ހުށައެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޣާލިބު އެވެ. ޣާލިބު ހުށައެޅުއްވި ޤަރާރުގައި ވަނީ ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް ދިއުމަށާއި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓާ ހަމައަށް މައްސަލަ ގެންދިއުމަށެވެ. އަދި ކައުންސިލުން އެގޮތަށް ގަރާރެއް ހުށަހަޅައި ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ އިއްތިފާގުން ގަރާރު ފާސްކުރި އެވެ
މާލޭ ސިޓީ ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައި އެޖެންޑާ އިއްވަވަމުން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ އެ ކައުންސިލުން ރައްޔިތުންނަށް އަސާސީ ހިދުމަތް ދިނުމަށާއި ދުވަހުން ދުވަހަށްދޭ އެތައް ހިދުމަތެއް ދިނުމަށާއި އަދި އާމްދަނީ ހޯދުމަށް ބޭނުންކުރަމުންދާ ކައުންސިލުގެ 14 ބިމެއް ކުއްލި ގޮތަކަށް މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސުން ވަކިކޮށް ދައުލަތުގެ ފުރިހަމަ ބާރު ހިންގައި ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
މިރޭގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ބިންތަކަކީ ކައުންސިލު ހިންގުމަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށާއި ކައުންސިލުގެ ބަޖެޓު ތައްޔާރުކުރަނީ އެ ބިންތަކުން ވެސް ލިބޭ އާމްދަނީ ލައިގެން ކަަމަށެވެ.“ އެ ބަޖެޓަށް ލާފައިވާ ފައިސާ އަޅުގަނޑުމެންނަށް ލިބޭނެ ގޮތެއް ވެސް ސަރުކާރުން އަންގަން ޖެހޭނެ. ކިހިނެއްތޯ ލިބެމުންދާ އާމްދަނީ ދެން ލިބޭނީ މި ބިންތައް އެ ބޭފުޅުން ނަގައިފިއްޔާ. އެއީ އެ ބޭފުޅުން ކުރަންޖެހޭނެ ކަމެއް،“ އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް ފަސޭހަވާނެ އެއްވެސް ކަމެއް މި ސަރުކާރަށް ނުކުރެވޭތީ ކުރާ މީހުންގެ މަސައްކަތް ވެސް ކުރިއަ ނުދިނުމަށް. ރައްޔިތުންނަށް ޖެއްސުން ކުރަން އައިސްފައި އޮތް ސަރުކާރެއްގެ ގޮތުގައި މޭޔަރ އަދާމް އާޒިމްގެ ވާހަކައިގައި ސިފަ ކުރެއްވިއެވެ.

































