ދިވެހިރާއްޖޭގައި ނެތެމުންދާ އިޙްތިރާމް އާދަކުރުމުގެ ރިވެތި އާދަކާދަ އަލުން އިޔާދަކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ ފެށުމާ ގުޅުން ހުރި ކަންކަން، އާދީއްތަދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ،
އެމަނިކުފާނު މިކަންހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ އަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މިމަޝްރޫޢު ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މަޝްރޫޢު ފެށުމަށް ތައްޔާރީތައް ވަމުން ދިޔައިރު، ސަރުކާރުން ދިން ދަޢުވަތު ޤަބޫލުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ދެކޮޅު ހެދިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ހިތާމަފުޅުކުރައްވާ ކަމެއްކަމަށާ، ޤައުމަށް ފައިދާ ކުރަނިވި ކަމެއްގައި ކޮންމެ ބަޔަކުވެސް އެކައްޗެއް ކިޔަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެންމެންގެ ބައިވެރިވުމާއެކު މިމަޝްރޫޢު ކާމިޔާބުކޮށްދެއްވުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށްވިދާޅުވީ، އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭކަމަށާ، ޢަމަލާއި ބަހުންވެސް އެކަން ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ލިބުނުތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަސައްކަތްތައްވެސް ހިއްސާކުރައްވާފައެވެ. މިގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި، ނަސޭޙަތާއި ޛިކުރު ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްދާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


































