ރާއްޖެ އާއި ސްރީލަންކާ އާ ދެމެދުގައި މިއަދު މި ފެށުނީ އާ ބާބެއް ކަމަށާއި ދެން އޮތީ ދިވެހި ރައްޔިތުންނަށް އޭގެ ނަތީޖާ ނެރެދީ އެއްބަސްވުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އަދި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ ދެމެދުގައި މުހިންމު ހަތް އެއްބަސްވުމެއް ބަދަލުކޮށްފައެވެ. އޭގެކުރިން، ރާއްޖެ އާއި ލަންކާއާ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވިއެވެ.
ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ލަންކާގެ ރައީސްއާ އެކީގައި ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުނު ކަމަށާއި އެގޮތުން ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުމާއި ބައިނަލްއަގުވާމީ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.
އެގޮތުން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ، ސިއްހީ ދާއިރާ، ދިފާއީ ދާއިރާ، ތައުލީމީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު، ފިޝަރީޒް ދާއިރާ، ތިމާވެށި އަދި އުމްރާނީ ތަރައްގީގެ ދާއިރާ އިން ރާއްޖެ އާއި ލަންކާއާ ދެމެދު މަޝްވަރާ ކުރެވުނު ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްބަސްވުންތަކުގެ ސަބަބުން މަތީ ތައުލީމުގެ ދާއިރާ، ޓްރެއިނިން އަދި އާކައިވް ކޯޕަރޭޝަން، ސިއްހީ ދާއިރާ، ދިފާއީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު، ފަތުރުވެރިކަމުގެ ދާއިރާ އިން ގުޅުން ވަރުގަދަވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ލަންކާ އާ އެކީގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ އިން ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަން ވަނީ ހާމަކުރައްވައިފައެވެ.
އަދި އިންވެސްޓަރުންނާ ގާތް މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދީ ވިޔާފާރީގެ އިތުރު ފުރުސަތުތައް ހުޅުވާލުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އަންގާރަ ދުވަހު އޮންނަ ރާއްޖެ-ލަންކާ ބިޒްނަސް ފޯރަމްއަކީ އެ މަސައްކަތުގެ މުހިއްމު މައްސައެއް ކަމުގައިކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ލަންކާގެ މާކެޓަށް މަތީ ފެންވަރުގެ މަހުގެ ބާވަތްތައް ތައާރަފް ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެޔާއެކު ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ޒުވާނުން ތައުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ކުރިއެރުވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، އެކަމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިކަންވެސް ހާމަކުރައްވާފައެވެ.
އަދި އެ އެއްބަސްވުންތަކާއެކު ފެށިގެން ދިޔައީ ދެ ޤައުމުމުގެ ގުޅުމުގެ އާ ބާބެއްކަމަށާއި މި ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ލަންކާ އާއި ރާއްޖެ އެކީގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކާއި މީހުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމްތައް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ ލަންކާއާ އެކީގައި ކުރި މަޝްވަރާތަކުގައި ދެ ގައުމުގެ ސަގާފީ ކަންކަން ކުރިއެރުވުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ގައުމަށް ވެސް އޮތް ނުރައްކަލެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެކަމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި އަޑު އުފުލައި މަސައްކަތް ކުރުމަށް ރާއްޖެ އާއި ލަންކާ އިން އެއްބަސްވެފައިވާ ކަމަށެވެ.


































