ފުރަތަމަ ފަހަރަށް ނިއު ޔޯކުގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި އެވެ.
ޚާރިޖީ ވުޒާރައިން ބުނީ، ރާއްޖޭގެ ތުނޑު ކުނަލެއް އ.ދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، 2024 ވަނަ އަހަރު އދ ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ.
އ.ދ. ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ އިފްތިތާހުކޮށްދެއްވީ އދ ގެ މައިމަރުކަޒުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަޞީރު މުހައްމަދުއެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އ.ދ.ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

މި ތުނޑުކުނަލަކީ ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ، އ.ދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެކެވެ.
މި ތުނޑު ކުނަލަކީ ދިވެހިރާއެއްޖެ އިން އދ ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާ އެކެވެ. އ.ދ. ގައި ބެހެއްޓުނު މިތުނޑު ކުނާ ފަރުމާ ކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ ގައްދޫގެ ބޭފުޅެކެވެ.

































