ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ބޮޑުބައި ހިއްކައި ޖޫން މަހު ގޯތި ދޫކުރަންފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ފޯސްޓެއްގައެވެ. ރައީސް އާންމު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ކަމަށެވެ.
އަދި އަންނަ މަހު އެއްކޮށް ބިން ހިއްކުމުގެ މަސައްކަތް ނިންމާލައި، އެއަށްފަހު ސާވޭ ކުރުމުގެ މަސައްކަތްވެސް ނިންމާލުމަށްފަހު، އަންނަ ޖޫން މަހު ގޯތި ލިބުނު ފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސްގެ ޕޯސްޓުގައި ހިއްސާކުރައްވާފައިވެއެވެ.
ކުރީ ސަރުކާރުގެ ”ބިންވެރިޔާ“ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް 1250އަކަފޫޓުން ފެށިގެން 4000އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިސަރުކާރުން ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު އެތަނުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތިތައް ގުޅިފަޅަށް ވަނީ ބަދަލުކޮށްފައެވެ.

































