އެޗްޑީސީގެ ނަމުގައި ސައްހަ ނޫން މެސެޖް ތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
ގެދޮރުވެރިޔާ ސްކީމަށް ކުރިން ހުށަހެޅި ފޯމްތައް ބާތިލްކޮށް، އަލުން ފޯމް ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިކަމަށް ބުނެ ދައުރުވާ މެސެޖަކީ ސައްހަނޫން މެސެޖެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މެސެޖްގައި ހިމެނޭ ލިންކުތަކަށް ނުފިތުމަށްވެސް ވަނީ އެދިފައެވެ.
މިފަދަ މައްސަލަތައް ހުއްޓުވައި ތަހުގީގު ކުރުމަށް ހާއްސަ ސްކޭމްއާ ގުޅޭ ފުލުހުންގެ ސެެންޓަރެއް ހަދަން ވަނީ ނިންމާފައެވެ. އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް ފުލިހުން ވަނީ ވިދާޅުވެފައެވެ.
”މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދު ކުރަނީ ވަރަށް ކައިރި މުސްތަގުބަލެއްގައި ސްކޭމް ސެންޓަރެއް ގާއިމްވެ، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް އެންމެ އެކަށޭނެ ގޮތުގައި އަވަސްކޮށް ދެވޭނެ ކަމަށް.“ ފުލުހުންވަނީ ވިދާޅުވެފައެވެ.
ސްކޭމް ކޯލްތަކާއި މެސެޖްތައް މެދުވެރިކޮށް ފައިސާ ހޯދާ މައްސަލަވެސް އިންތިހާއަށް ބޮޑުވެފައިވާއިރު، މިފަދަ މައްސަލަތަކަށް އެދެވޭ ހައްލެއްވެސް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ސްކޭމްގެ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

































