އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 44 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނެކެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ހިމެނޭ 44 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ 2025 ޑިސެމްބަރު 24 ވަނަ ދުވަހެވެ. މީނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ މާރިޗު އެއް ވަނަ ދުވަހަށެވެ.
އަދި 21 އަހަރުގެ ޒުވާނާ ހައްޔަރުކޮށްފައިވަނީ ފެބުރުވަރީ ތިން ވަނަ ދުވަހެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ މާރިޗު ހަ ވަނަ ދުވަހަށެވެ.
މި މައްސަލާގައި، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ކުޑަކުދިން ”ގްރޫމް“ ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

































