މޯލްޑިވްސް ޒަކާތު ހައުސްގެ އައު ޑިރެކްޓާ ޖެނެރަލްގެ މަޤާމަށް އައްޝައިޚް އިމްތިޠާއު ޢައްބާސް އައްޔަންކުރައްވައިފި އެވެ.
ޝައިޚް އިމްތިޠާއު މަޤާމަށް އައްޔަންކޮށްފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކާ އިންޓަރވިއުކުރުމަށް ފަހު، އެ ފަރާތްތަކުގެ ޤާބިލުކަމާއި ތަޢުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަޤާމަށް އައްޔަނުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އެ ބޭފުޅާކަމަށް ޒަކާތު ކައުންސިލުން ނިންމާފައިވާތީ އެވެ.
ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމަށް އައްޔަނުކުރުމުގެ ކުރިން، އިމްތިޠާއު ހުންނެވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގަ އެވެ.
އެވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމާއި، ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ އިސް މަޤާމުތަކާއި ލަފާއަރުވާ ރޯލުތައް ޝައިޚް އިމްތިޠާއުވަނީ އަދާކުރައްވާފައެވެ. އަދި ޒަކާތު ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަޤާމުވެސް އައްޝައިޚް އިމްތިޠާއު ވަނީ އަދާކުރައްވައިފައެވެ.
އައްޝައިޚް އިމްތިޠާއުއަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ޙަދީޘް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، މިހާރު ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަމުންނެވެ.

































