ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިރޭ 8 ޖެހުމާ ހަމައަށް ކުރިއަށްދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރުފަހު ފެށިއިރު، މި އިންތިޚާބުގައި ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި އިންތިޚާބުކުރަން ޖެހޭ އަދަދަށް ވުރެ އިތުރަށް ކުރިމަތިލާފައިވާ ދާއިރާތައް އެމްޑީޕީން ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެ އެވެ.
އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި އެ ޕާޓީން ސިޓީތަކުގެ މޭޔަރުންނަށް ޓިކެޓް ދިނުމަށް ޕްރައިމަރީ ބާއްވާނީ ދެ ސިޓީއެއްގަ އެވެ. އެއީ މާލެ ސިޓީ އާއި ތިނަދޫގަ އެވެ. އެއިން ކޮންމެ ސިޓީއަކަށް ވެސް ދެ ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް 4 ގަ އެވެ.
މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނެ އެވެ.

































