ކުށްކުރާ ކުދިން އަދިވެސް އިތުރުވަމުންދާ މައްސަލައަކީ، މިވަގުތު އޮތް އެންމެބޮޑު އެއް ކަންބޮޑުވުންކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ އިދާރާގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑު، ސްޕްރިޓެންޑެންޓް މުހައްމަދު ޝަރީފް ވިދާޅުވީ، ކަންބޮޑުވާ އަދަދަކަށް ކުޑަކުދިން ކުށްކުރުމުގެ ތެރޭގައި އުޅެމުންދާކަން ފާހަގަކުރެވޭ ކަމަށާއި، ކުރިއަށް އޮތް އަހަރު ވެގެންދާނީ ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވިގެންދާނޭ އަހަރެއްގެ ގޮތުގައި ކަމަށެވެ.
ކުޑަކުދިން ކުށުގެ ވެށީގައި އުޅެމުންދާކަން ވަރަށް ސީރިއަސްކޮށް ފާހަގަކުރަމުން އޮފިސަރު ވިދާޅުވީ ކުށުގެ ރެކޯޑް އޮންނަ މީހުންނާއެކު ގިނަ އަދަދެއްގެ ކުޑަކުދިން އުޅެމުންދާކަމަށާއި، އެގޮތަށް އުޅެމުންދާ 300 ކުއްޖެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެގޮތުން އެކުދިންގެ ބެލެނިވެރިންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގެ ހުރިހާ ހިސާބެއްގައިވެސް ކުށްކުރާ ކުދިން އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، އެގޮތުން ވިލިމާލެ، މާލެ އަދި ހުޅުމާލޭގައި ކުށަށް އަރައިގަންނަ ކުދިން އިތުރުވަމުންދާކަމަށެވެ.
ހުޅުމާލޭ ފެސް ދޭއްގައި ކުށްކުރުން އިތުރުވެ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ސަރަހައްދަށް ވަރަށްގިނައިން ދާންޖެހޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލޭ ފޭސް ދޭއްގައި ކުށްކުރުން އިތުރުވަމުންދިއުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ފުލުހުން ދަނީ އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި އެކަމުގެ މަސައްކަތްވެސް ކުރަމުންނެވެ.

































