ކުރީގެ މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
ފައްތާހަކީ ހއ. ކެލަ އަށް އުފަން މީހެކެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ 2017 ގެ ”ހައްދު“ އަށް ފަހު ފިލްމީ މަސައްކަތް ހުއްޓާލައި ދިރިއުޅުން ރަށަށް ބަދަލުކޮށް ފައްތާހް ދިޔައީ އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ.
އަދި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އޭނަ ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ވެސް އޮތީ ނިންމާފަ އެވެ.
ފައްތާހަކީ ރާއްޖޭގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނަ ވަނީ ކާމިޔާބު ފިލްމުތަކެއްގެ އިތުރުން ވަރަށް މަގުބޫލު ޓީވީ ސިލްސިލާތަކާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކެއް ވެސް ގެނެސްދީފަ އެވެ.
ފައްތާހް، 54، ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ”ވެހޭ ވާރޭ ތެރެއިން“، ”އޭނާ“ އަދި ”ޖިންނި“ ހިމެނެ އެވެ. އޭނަ ގެނެސްދިން މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ”ދޯޕައްޓާ“، ”ތިއޭ މި ހިތުގެ ވިންދަކީ“ އަކީ ”ހިނިތުންވެލާށޭ ކަލާ“ ފާހަގަކޮށްލެވެ އެވެ.

































