މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި ހުންނެވި އިސްމާއިލް ސާޖިދު ސަސްޕެންޑްކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސާޖިދު ސަސްޕެންޑް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެ އެވެ.
އެފްއައިޔޫގެ ވެރިޔަކަށް ސާޖިދު ހަމަޖައްސާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ.
އޭނާ އެ މަގާމަށް ބަދަލުކޮށްފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކުރުމަށްފަހު އެވެ.
ސާޖިދަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.
އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ހަރަދުކުރުމާއި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވަން ހަދާފައިވާ އެމްއެމްއޭގެ ޔުނިޓެކެވެ. އެ މަގާމަށް އައްޔަނުކުރުމުގެ ބާރު ލިބިގެން ވަނީ އެމްއެމްއޭގެ ގަވަރުނަރަށެވެ.

































