ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ 3 އަހަރުގެ ސްޕޮންސާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެގްރީމެންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިޤްއެވެ.
މި ޕާޓްނާޝިޕްގެ ދަށުން ބީއެމްއެލްއަކީ ގައުމީ ފިރިހެން، އަންހެން، އަދި ޔޫތު ޓީމްތަކުގެ އެކްސްކްލޫސިވް ސްޕޮންސާ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އެފްއޭއެމްއާއެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް ރާއްޖޭގެ ގައުމީ ޓީމުތަކުގެ ރަސްމީ ސްޕޮންސަރަކަށް ގައުމީ ބޭންކް ހަމަޖެހިގެން ދިޔުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
”ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. ގައުމީ ފުޓްބޯޅަ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި، އަންނަން އޮތް ޖީލުތަކާ ހަމައަށް ފުޓްބޯޅައިން އުއްމީދީ ތަސައްވުރެއް ގެނެސްދިނުން.“ ޝަރީފް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިޤް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު ޕާޓްނާޝިޕެއް ގާއިމުކުރަން ނިންމުމަކީ، އެފްއޭއެމްއަށާއި ދިވެހި ފުޓްބޯޅަ އާލާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭންކުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން ގައުމީ ޓީމުތަކަށް އެހީތެރިކަން ލިބުމުގެ އިތުރުން، މުޅި ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ތާރިގު ވިދާޅުވި އެވެ.
ބީއެމްއެލްއަކީ ފުޓްބޯޅައަށް އަބަދުވެސް އެހީތެރިވެދީ ގިނަ އަހަރުތަކެއްގައި ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސަރކޮށްދީފައިވާ ބެންކެކެވެ.

































