މާޅޮސްމަޑުލު އުތުރުބުރި ދުވާފަރަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހެނދުނު އެ ރަށަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައި ވާކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

































