މިއަދު ފާހަގަކުރަމުންމިދާ 36 ވަނަ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގެ މަންސައެއްކަމަށްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވަވާފައެވެ. އަދި މާތް ﷲ ދިވެހިރާއްޖޭގެ ނަޞްރާއި ނަޞީބު އަބަދަށްޓަކާ ދެމެހެއްޓެވުން އެދި ދުޢާކުރައްވާފައެވެ.
ރާއްޖޭގައި ނަޞްރުގެ ދުވަސް 3 ނޮވެމްބަރުގައި ފާހަގަ ކުރަން ފެށީ ޤައުމަށް ގައްދާރުވި ދިވެހިންތަކެއް ތަމަޅަ ޓައިގަރުންނާ ގުޅިގެން ރާއްޖޭގެ ވެރިކަން ހޯދުމަށް ރާއްޖެ އައިސް ކުރި ހަނގުރާމައަށްފަހު ރާއްޖެއަށް ލިބުނު ކާމިޔާބު ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ދުވަހު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްއެވެ.
ނޮވެމްބަރު 3، 1988 ގައި 19 ދިވެހިން ޝަހީދުވި އިރު އޭގެ ތެރޭގައި 8 ސިފައިންވެސް ހިމެނެ އެވެ.

































