ދިވެހިންނަށާއި މިރާއްޖެއަށް އަބަދުވެސް އެދެނީ ނަޞްރާއި ނަސީބު ލިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ބޭރުގެ އެކިއެކި ނުރައްކާތަކުން ސަލާމަތްކުރެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް އަބަދުވެސް ނަޞްރާއި ނަސީބު މިންވަރު ކުރެއްވުމަށްވެސް ނައިބު ރައީސް އެދިވަޑައިގެންފައިވެއެވެ.
ނަޞްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު ދިވެހި 6 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަޞްރު ލިބުން ފާހަގަ ކުރުމަށެވެ. މި ޙަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 މީހުން ޒަހަމްވިއެވެ.

































