ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން ދިތުވާ އާ ގުޅިގެން އެޤައުމަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން ސަން ސިޔާމް ގްރޫޕްގެ ފަރާތުން ސްރީލަންކާއަށް 200،000 ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.
ސްރީލަންކާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާ މިއަދު ބައްދަލު ކުރައްވައި އެހީގެ ރަމްޒީ ޗެކް، ސަފީރަށް ހަވާލުކޮށްދެއްވީ ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދެވެ. މިއަދު ވަނީ އެ ދެ ލައްކަ ޑޮލަރުގެ ތެރެއިން 75،000 ޑޮލަރު ހަދިޔާ ކުރައްވައިފަ އެވެ. އަދި ބާކީ ފައިސާ ކުރިއަށް އޮތް ދުވަސްތަކުގައި ހަވާލުކުރުމަށް ވަނީ ނިންމައިފަ އެވެ.
ސިޔާމް ވިދާޅުވީ މާދަމާއިން ފެށިގެން، ސަން ސިޔާމް ގްރޫޕުގެ ދަށުން ހިންގާ ކުންފުނިތަކާއި ރިސޯޓުތަކުގައި ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑްރެއިޒްކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ މީޑިއާތައް ގުޅިގެން މިއަދު އަންނަނީ ޓެލެތޯނެއް ވެސް ބާއްވަމުންނެވެ. މި ޓެލެތޯނަށް މިހާތަނަށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ.
ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ތޫފާން ”ޑިޓްވާ“ ގެ ސަބަބުން ލަންކާ އަށް އާދަހިލާފަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ އިތުރަށް އެ ގައުމުގެ އެކި ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ. ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި މި ވިއްސާރައާ ގުޅިގެން 20،000 އަށް ވުރެ ގެތައް ހަލާކުވެފައިވާ އިރު ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ އަދަދު މިހާރު 108،000 އަށް ވުރެ ގިނަ އެވެ.
ލަންކާ އަށް މިހާރު އަވައްޓެރި އެކި ގައުމުތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން މި ދަނޑިވަޅުގައި ބޭނުންވާ އަސާސީ ތަކެއްޗާއި އެ ނޫން ވެސް ގޮތްގޮތުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
މިއީ 2003 ގެ ފަހުން ލަންކާ އަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ތޫފާނެވެ. އެ އަހަރު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ 254 މީހަކު މަރުވެފައިވެ އެވެ.

































