ސްރީ ލަންކާގެ ނުވަރަ އެލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ހަބަރެއް ނުވެގެން ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ރިޕޯޓުކޮށްފި އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނިގޮތުގައި ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި އެ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށެވެ.
ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ 94761886666+ އަށް ގުޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އެދެ އެވެ.
ތޫފާން ”ދީތުވާ“ ގެ ނަމުން ނަން ދީފައިވާ އެ ތޫފާން ލަންކާއާ ގާތްވެފައިވާއިރު، ލަންކާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައި ބާރުވެ، ކަނޑުތައް ގަދަވެ އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.
މި ހާދިސާތަކުގައި މިހާތަނަށް 47 މީހަކު މަރުވެ، 21 މީހަކު ވަނީ ގެއްލިފަ އެވެ. ވިއްސާރައިގެ އަސަރު ލަންކާގެ 17 ޑިސްޓްރިކްޓަކަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ރެޑް އެލާޓް ނެރެފަ އެވެ.

































