ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭއިރު އިސްކަންދޭންވާނީ ވިޔަފާރިއަކަށްވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމައާއި ހެޔޮ ސަވާބަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، ވިދާޅުވީ ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭއިރު އިސްކަންދޭންވާނީ ވިޔަފާރިއަކަށްވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމައާއި ހެޔޮ ސަވާބަށްކަމަށާއި ޙައްޖުވެރިންނާއި އުމްރާވެރިންނަށް ޚިދުމަތް ދިނުމަށް އެހޭދަކުރާ ވަގުތަކީ ގެއްލިގެންދާނެ ވަގުތެއް ނޫންކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޙައްޖާއި ޢުމްރާ ކޮންފަރެންސެއް ބޭއްވޭކަމީ މިމަސައްކަތް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ އަލިގަދަ ހެއްކެއްކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޙައްޖާއި ޢުމްރާ ކޮންފަރެންސެއް ބޭއްވޭކަމީ މިކަމަށް އަދުގެ ސަރުކާރުން އިސްކަންދެއްވާކަން ހާމަވާކަމެއްކަމަށާއި މި ކޮންފަރެންސްގެ ތެރެއިން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އެހެނިހެން ކުންފުނިތައް އެއްތަންވެ މަޝްވަރާކޮށް މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދޭނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
”ޙައްޖު ފަންޑު ތަރައްޤީކޮށް އައު ވިސްނުންތަކެއް ވިސްނައި ޙައްޖުގެ އަގު ތިރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު އަވަސް ކުރިމަގެއްގައި ހަޤީގަތަކަށް ވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. ޙައްޖާއި ޢުމްރާގެ އަޅުކަމުގެ މުހިންމު ކަމަށްޓަކައި އެ 2 އަޅުކަމާއި ގުޅިފައިވާ އިންތިޒާމްތައް ހަމަޖައްސައި ވީހާ ލުއިފަސޭހަކޮށް އަޅުކަން އަދާކުރެވޭނެ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއް.“ ނައިބު ރައީސް ވިދާޅުވިއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ 1 ދުވަހުގެ މުއްދަތަކަށެވެ. މި ކޮންފަރެންސްގެ ތެރެއިން ޙައްޖާއި ޢުމްރާއާއި ގުޅޭ މުހިންމު ކަންކަމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

































