މިހާރު ސިނގިރޭޓާއި ވޭޕު އެތެރެކުރަނީ ވަގަށް ކަމަށާއި، އެހެންކަމުން ދަޢުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ވަންނަނީ އެހެންބައެއްގެ ޖީބަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ސިނގިރޭޓްގެ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރީ ހެޔޮ ނިޔަތުގައި އަދި މަތިވެރި މަޤްސަދެއްގައި ކަމަށެވެ. ނަމަވެސް އެ މަޤްސަދު ޙާސިލުވަމުން ނުދާކަމަށް ނާޒިމް ވިދާޅުވިއެވެ.
ވަގު ސިނގިރޭޓު ގިނަ ރަނގަޅު ގޮތުގައި ޑިއުޓީ ދައްކައިގެން އެތެރެކުރެވޭ ސިނގިރޭޓަށްވުރެ. ވޭޕް ކަންތައްވެސް އޮތީ އެހެން.“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ވޭޕްވިއްކާ މީސްމީޑިއާ ގްރޫޕްތައް އަދިވެސް ބަރާބަރަށް ހިންގަމުންދާ ކަމަށާއި، އެހެންކަމުން ކަސްޓަމްސްގެ ބެލެހެއްޓުންތެރިކަން މިހާރަށްވުރެ ފުރިހަމަކުރަން ޖެހިފައިވާ ކަމަށެވެ. އަދި ކަސްޓަމްސްގެ ހިންގުން ހަރުދަނާކޮށް، ކަސްޓަމްސްގެ މުވައްޒަފުންނާއި، އަނބި/ފިރި، ދަރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު އިސްލާހު ކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. ”ދައުލަތަށް ލިބޭ އާމްދަނީއާ ސީދާ ގުޅުންހުރި ކަމެއް މިކަމަކީ. ދައުލަތަށް ލިބެންޖެހޭ އާމްދަނީއާއި ޓެކްސް ފައިސާ ނުލިބި އެހެން ބަޔަކަށް ލިބިގެން މިދަނީ.“ ނާޒިމް މިއަދު ވިދާޅުވެފައިވެއެވެ.

































