ސަރުކާރުން އިފްތިތާޙުކުރި ”5 މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމް“ގެ ދަށުން، ދ. ކުޑަހުވަދޫގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި، 13 ރުކާއި 31 އަނބުގަސް ވަނީ މި ރަށުގެ ބައެއް މަގުތަކުގެ އަރިމަތީގަޔާއި، އިޖްތިމާޢީ ސަރަޙައްދުތަކުގައި އިންދާފައެވެ.
މި ހަރަކާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު އޮނަރަބަލް ޠާރިޤު އިބްރާހީމްގެ އިތުރުން، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ޙަމީދާއި، ދ. އަތޮޅު ކައުންސިލްގެ ރައީސް އަދި ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަދި މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުނާއި އަދި ކުޑަހުވަދޫގައި ޤާއިމްކުރެވިފައިވާ ބައެއް މުޢައްސަސާތަކުގެ ވެރިން ވެސް މި ހަރަކާތުގައި ބައިވެރިވެ، ގަސްއިންދުމުގެ މަސައްކަތަށް އެއްބާރުލުން ދެއްވި ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
މިފަދަ ޕްރޮގްރާމްތަކަކީ ރާއްޖޭގެ ތިމާވެއްށީގެ ދިރުންތައް ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށާއު އަދު އިންދާފައިވާ ގަސްތަކަކީ ރަށުގެ ރީތިކަން އިތުރުކުރުމުގެ އިތުރުން، ވައިގެ ފެންވަރު ރަނގަޅުކޮށް، ގިރާ ސަރަހައްދުތަކަށް ހިޔާދީ، ފިނިކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ދެކެވަޑައިގަންނަވައެވެ
މިއީ މުޅި ރާއްޖެ ހިމެނޭހެން ކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢެއްގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން، ކޮންމެ ރަށެއްގައިވެސް ގަސް އިންދުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައިި ވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

































