ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ދެ ބޭފުޅުންގެ ތެރެއިން ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ފަހަކާ ޖެހެންދެން ކުރެއްވި މުހައްމަދު ޝަހީދު ނަން ގެންދެވުމުން، މިރޭ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެކަނި ފަނޑިޔާރުކަމުގެ ހުވާކުރައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގަމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އަބްދުﷲ ހަމީދާއި މުހައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އެ ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ޖަމީލްއާ ހަވާލު ކޮށްދެއްވީ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމެވެ. ޖަމީލަކީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް މެޖިސްޓްރޭޓްކަން ކުރެއްވި ބޭފުޅެކެވެ އަދި 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވިއެވެ. ހާއްސަކޮށް އޭނާގެ ގާޒީކަމުގައި ސިވިލް ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބެއްލެވިއެވެ.

































