މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރ. ދުވާފަރުން މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ. ދުވާފަރުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދުވާފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު /ފިނިފަޒާ، އިބްރާހީމް ޢަބްދުލްރައްޒާޤު (38އ) އެވެ.
މި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ރޭ ދުވާފަރު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ޢަބްދުލްރައްޒާޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވައެވެ.

































