ކައުންސިލްތަކުން ބާއްވަން، ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުން، ޖުލައި 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 29 ޖުލައި ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭކޮށީ)ގައިއެވެ.
މޭޔަރު ޢާޒިމް ވިދާޅުވީ، މި ބައްދަލުވުމަކީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްފަދައިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން ދެއްވަން ބޭނުންފުޅުވާ ޚިޔާލުތަކަށް ފުރުޞަތު ހުޅުވާލެވިގެން ކުރިއަށްދާނެ ބައްދަލުވުމެއް ކަމަށެވެ. މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ މި ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރެވިގެންދާނެ ކަމަށެވެ. މޭޔަރ ޢާޒިމް ވަނީ، ވީހައި ވެސް ގިނަ ރައްޔިތުން، މި ބައްދަލުވުމަށް ވަޑައިގެން، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތާއި ދެމުންދަ ޚިދުމަތާ މެދު، އެ ބޭފުޅުންގެ، ބިނާކުރަނިވި ޚިޔާލު ހުށަހެޅުމަށް ދަޢުވަތު އަރުވާފައެވެ. ރައްޔިތުން ހުށަހަޅުއްވާ، ބިނާކުރަނިވި ޚިޔާލު ވެގެންދާނީ، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތާއި، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ވުމަށް ލިބިގެންދާނެ ބާރެއްކަމަށް މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.

































